އަޅުގަނޑުމެންނަކީ
ޅެންވެރިކަން ކުރިއެރުވުމަށް
މަސައްކަތްކުރާ ތަޖުރިބާކާރު ފަންނީބައެއް

މިގޮތުން މިކަންކުރުމަށް ބޭނުންވާނޭ އެންމެހައި އިކްވިޕްމަންޓް ހޯދައި އަޅުގަނޑުމެންގެ ޓީމު ތަފާތު އެކިތަންތަނުގައިތިބެ ފަސޭހަކަމާއިއެކު ކިޔަވައިދެވޭނޭ ފުރުޞަތު ފަހިކުރީމެވެ.

މުޅިރާއްޖެއަށާއި ދުނިޔެއަށް ހުޅުވާލައިގެން އަލަށް އަޅުގަނޑުމެން 24 ނޮވެމްބަރ 2019 ގައި ފެށި ކޯހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި މެލޭޝިޔާ އަދި ސިލޯނުންވެސް ބައިވެރިން ކިޔަވަމުން ގެންދިޔައެވެ. އަޅުގަނޑުމެން ތިން ޓީޗަރުންވެސް ތިބީ ތިން ރަށެއްގައެވެ. މިކޯސް 7 ދުވަސްތެރޭ ސެޓްފިކެޓް ދީ ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލެވުމުން އިތުރު ތަޖުރިބާ ޙާޞިލް ކުރެވުނެވެ.

އެންމެ ފަހުން 10 އޮކްޓޫބަރުގައި ނިންމި ފިޒިކަލް ކޯހުގައި ފުވައްމުލަކުން ބައިވެރިވި 62 ބައިވެރިންނަށް ކޯހުގައި ކިޔަވައިދިނީ އަޅުގަނޑާއި ފަރެސް މުޙަންމަދު ޢާމިރެވެ. ޢާމިރު ކިޔަވައިދެއްވީ ހުޅުމާލޭގައި ހުންނަވައިގެން ވާރޗުއަލްކޮށް ޒޫމް މެދުވެރިކޮށެވެ. މިހާރު އެކި ދުވަސްވަރަށް ރާވައި ހިންގާ އެތައްކޯހެއް ހިނގަމުން އެބަދެއެވެ

ކޯސްތަކާއި ބެހޭ

އަޅުގަނޑުމެން ކޯސްތައް ހިންގަމުން މިދަނީ ލެވަލް 1 ލެވަލް 2 އަދި ލެވަލް 3 އަށް ބަހާލައިގެންނެވެ. މިއިން ކޮންމެ ކޯހެއްގައިވެސް ސެޓްފިކެޓް ދެވޭނެއެވެ. އަދި ކޯސް ނިމުމުން ވައިބާރ އިންނާއި އީމެއިލް އިން ކޯސް ނިންމި ދަރިވަރުންނަށް އަބަދުވެސް ހަދާފައިވާ ޅެންތައް ބަލައި ރަނގަޅުކޮށްދީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އޮންލައިން ކޮށް ކިޔަވަން ބޭނުންކުރާ ސޮފްޓްވެރ އެޅުމުގައި އެހީތެރިވެދެވޭނެއެވެ. އަދި ކޯހުގައި ކިޔަވަމުން ދާއިރު ވަޤުތު ނުލިބި ގެއްލޭ ފިލާވަޅުތައް އިތުރު ގަޑިއެއްގައި ކިޔަވައި ދެވޭނެއެވެ.

އަޅުގަނޑަކީ ލަވަޔާއި ޅެމުގެ މަސައްކަތުގައި ތިރީހަކަށް އަހަރު ހޭދަކޮށް ތަފާތު އެތައް ތަޖުރިބާއެއް ޙާޞިލްކޮށްފައިވާ މީހަކީމެވެ. އަދި މިތަޖުރިބާއާއިއެކު 2018 ވަނައަހަރު އަޅުގަނޑަށް އެނގިފައިވާ އެއްޗެއް އަނެކުންނަށް އުނގަންނައިދިނުމަށް ވަރަށް ޚާއްޞަ ޕްރޮގްރާމްތަކެއް ރާއްޖެތެރޭގެ އެކި ރަށްރަށުގައި ހިލޭސާބަހަށް ހިންގައި 1200 އަށްވުރެ ގިނަ ދަރިވަރުންނަށް ޅެންހަދަން ދަސްކޮށްދެވިފައިވާނެއެވެ.

2019 ވަނައަހަރުގެ މެދެއްހައި ހިސާބުންފެށިގެން އަޅުގަނޑާއި އިތުރު ދެފަންނާނަކު ގުޅިގެން ތަފާތު ގިނަ ކޯސްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުގައި ހިންގުނެވެ. އެދުވަސްވަރު ދުރު އެކި ރަށްރަށުން ކޯހުގައި ބައިވެރި ނުވެވުނީތީ އެކަމާ ވަރަށް ދެރަވެ، އަދި އެރަށުގައި އެފަދަ ކޯހެއް ހިންގެން ނެތްތޯ ސުވާލުކުރައްވަމުން ގެންދެވިއެވެ. މިކަމަށް ކޮންމެވެސް ޙައްލެއް ހޯދުމަށް ޓަކައި ސެޕްޓެމްބަރ 2019 ގައި އަޅުގަނޑު އޮންލައިން ކޯސްތަކެއް ރޭވުމަށް ތައްޔާރުވާން ފެށީމެވެ.