އަޅުގަނޑުމެންގެ މަޤުޞަދާއި
މިހައިތަނަށް ކުރެވިފައިވާ ބައެއް
މަސައްކަތާއި ކުރިމަގުގެ ވިސްނުން

2019 ވަނައަހަރުގެ މެދެއްހައި ހިސާބުންފެށިގެން އަޅުގަނޑާއި އިތުރު ދެފަންނާނަކު ގުޅިގެން ތަފާތު ގިނަ ކޯސްތަކެއް ރާއްޖޭގެ އެކި ސަރަޙައްދުގައި ހިންގުނެވެ. ސެޕްޓެމްބަރ 2019 ގައި އަޅުގަނޑު އޮންލައިން ކޯސްތަކެއް ރޭވުމަށް ތައްޔާރުވާން ފެށީމެވެ. އެދުވަހުން ފެށިގެން މި ވޭތުވެދިޔަ އަހަރެއްހައި ދުވަހު ވަރަށް ގިނަ ދަރިވަރުން ތަމްރީނުކޮށް މިދާއިރާއަށް ނެރެވިފައިވެއެވެ.

ޅެމާއި ޅެންވެރިކަމަށް ދިވެހީންގެ ހިތްތަކުގައި ދެވިފައިވާ ޤަދަރު ކުޑަވަމުން ޝައުޤުވެރިކަން ގެއްލެމުންދާކަން ފާހަގަކުރެވުނު ހިސާބުން، އަޅުގަނޑު ހަމައެކަނި ފަރުދީގޮތުން ޅެންވެރިކަން ކުރުމުގެ އިތުރުން މިފަންނު އިތުރައް ކުރިއަރުވާ ހަރުދަނާ ކުރުމުގެ ވިސްނުން ހުންނާތީ ކުރެވެމުންދިޔަ ތަފާތު އެތައް މަސައްކަތެއްގައި ވަރަށް އަވަދިނެތި އުޅެމުން ދިޔައީމެވެ. އަދި މިތަޖުރިބާއާއިއެކު 2018 ވަނައަހަރު އަޅުގަނޑަށް އެނގިފައިވާ އެއްޗެއް އަނެކުންނަށް އުނގަންނައި ދިނުމަށް ވަރަށް ޚާއްޞަ ޕްރޮގްރާމްތަކެއް ރާއްޖެތެރޭގެ އެކި ރަށްރަށުގައި ހިލޭސާބަހަށް ހިންގައި އެއަހަރު ސަތޭކަފަންސާހަށްވުރެ ގިނަ ދަރިވަރުންނަށް ޅެންހަދަން ދަސްކޮށްދެވިފައި ވާނެއެވެ.

އީއޯޕީއާއި ޝާޢިރީ ފުވައްމުލައް

ޅެންވެރިކަމުގެ އަސާސީ އަދި އެޑްވާންސް ހުނަރު ދަސްކޮށްދިން "ފުވައްމުލައް ކޯދު"ގެ ކްލާސްތައް ނިންމާލުން

އީއޯޕީން ކުރިޔަށް ގެންދިޔަ މި ކްލާސްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީވެސް މަޝްހޫރު ޝާއިރު އަދި ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް) އެވެ. ބައިވެރިންނާ މުޙާޠަބު ކުރައްވާ ޢާމިރު ވިދާޅުވީ. “މިޙަރަކާތް ހިނގާދިޔަގޮތަށް ބަލާލާއިރުގައި މިއީ ރަނގަޅު މިސާލެއް. މުޖުތަމަޢު ތެރެއިން ކަންތައްތަކެއް ބޭނުންވި ބަޔަކު އެކަން ޙާޞިލްކުރެވޭތޯ މަސައްކަތްކުރެއްވި. އެހިސާބުން ފެނުނީ ވެރިކަމުގެ ފަރާތުން އޭގައި ބައިވެރިވެވަޑައިގެންނެވިތަން. އެކަމަށް ބޭނުންވާ މަގު ތަނަވަސްކޮށްދެއްވިތަން. އެމަސައްކަތަށް ހިތްވަރު ދެއްވިތަން. އަދި މުސްތަޤުބަލުގައިވެސް އެކަން އެގޮތަށް ކުރެއްވުމަށް ބާރުއަޅުއްވާތަން.” ޢާމިރުގެ މިވާހަކަފުޅުން މިކަމަށް ފުވައްމުލަކުގެ ސިޓީކައުންސިލް ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވައި ވަރަށް ގާތުން ކަންކަން ބައްލަވަމުން ގެންދެވިކަން ހާމަވެއެވެ.

ޅެންވެރިކަމުގެ އަސާސީ އަދި އެޑްވާންސް ހުނަރު ދަސްކޮށްދިނުމަށް އީއޯޕީން ފުވައްމުލަކުގައި އަޅުގަނޑުމެން ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދެވި ކްލާސްތަކުގެ ނިމުން 10 އޮކްޓޫބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކު ކުރުނދުމާ މާލަމްގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށް ސެޓްފިކެޓް ދިނުމުގެ ހަފުލާ ބާއްވައިފީމެވެ. މީ 52 ދަރިވަރަކަށް ދެދަންފަޅިއަށް ބަހާލައިގެން ހަވީރާއި ރޭގަނޑު ސީދާ ކްލާސް ނަގައިގެން ކުރިޔަށް ގެންދެވި ޙަރަކާތެކެވެ. ބެޗްގެ ކިޔަވައިދެއްވުން ކުރިޔަށްގެންދިޔައީ ސީދާ ފުވައްމުލަކުގައި ހުރެގެންނެވެ.

މި ކޯހުގައި ލެވަލް 1 އަދި ލެވަލް 2 ށް ކިޔަވައިދެވުނެވެ. ސެޕްޓެމްބަރު 30ން އޮކްޓޫބަރު 10ށް ބޭއްވުނު މި ކޯހުގައި ލެވަލް 1ގައި ޅެމުގެ ހަމަތަކާއި އެތުރުން އަދި ވައްޓަފާޅި ފަދަ ހުނަރުތައް ދަސްކޮށްދިނީ ޢީސާ ޝަރީފެވެ. އެއަށްފަހު މެދު ކެނޑުމެއްނެތި ލެވަލް 2 ގެ ކިޔަވައިދިނުން ކުރިއަށްގެންދެވީ ޢީސާ ޝަރީފުގެ އިތުރުން ތަޖުރިބާކާރު މަޝްހޫރު ޝާޢިރު ފަރެސް މުޙައްމަދު ޢާމިރެވެ. އޭނާ މައިގަނޑުގޮތެއްގައި ކިޔަވައިދެއްވީ ބަލާޣާ ޢިލްމުގެ ބައިތަކާއި އެ އުކުޅުތައް ޅެމުގައި ބޭނުންކުރާނޭ ގޮތާއި އެޙާލަތުތަކެވެ.

މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރީންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ނިޖާޙު އާއި ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސަޢީދުއާއި ފުވައްމުލަކު ޓީއާރުސީ ކޯޑިނޭޓަރ އަލީ ޖަވާދުއެވެ.

ކޯހުން ޙާޞިލްވީ މިންވަރާމެދު ބައެއް ދަރިވަރުންނާ ސުވާލުކޮށްލީމެވެ. ” ކުރިން ވެސް ކޮންމެވެސް ވަރަކަށް ޅެމާ ލަވަޔާ މަދަޙަވެސް ހަދާއުޅުނިން. އެއީ ޅެންވެރި ކަންދަސްކޮށްދޭ ސެޝަން ތަކެއްގައި ތިން ފަހަރަކު ބައިވެރިވެގެން އެނގިފައި ހުރި އެއްޗަކާ ދެން އަމިއްލައިން މި ހުނަރު ތަރައްގީ ކުރެވޭތޯ ކުރަމުން އައި މަސައްކަތުން އެނގިފައި ހުރި އެއްޗެއްގެ ބޭނުން ކޮށްގެން. އީއޯޕީއިން ހިންގި ސެޝަންތަކުގައި ބައިވެރިވުމުން ކުރިން އުންމީދު ނުކުރާ މިންވަރަށް މި ރޮނގުން މަޢުލޫމާތު ލިބުނުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު. އަދި ކުރިން އެނގިފައި ހުރި ބައެއް ކަންކަން އެނގިފައި އޮތީ އެންމެ ރަނގަޅަށް ނޫންކަންވެސް އެނގުނު. ކިޔަވައި ދިނުމުގެ ދާއިރާގައި އުޅޭ މީހަކަށް ވާތީ މި ކޯހުގައި ކިޔަވައި ދެވުނު ބަލާޣާތުގެ ބަޔަކީ ޅެންވެރިކަމުގެ އިތުރަށް އަދަބީ ލިޔުންތަކުގައި ވެސް މަތީދަރަޖައަކަށް ބޭނުން ކުރެވޭނެ ބަޔަކަށްވާތީ މި ސެޝަންތައް ވެގެން ދިޔައީ އަޅުގަނޑަށް ވަރަށް ބޮޑަށް ވެސް ބޭނުންތެރި ސެޝަން ތަކަކަށް.” ޝާހީން މުޙަންމަދު

މީގެ އިތުރުން މިކޯހަކީ ވަރަށް ތަފާތު ތަޖުރިބާ ތަކެކެވެ. މުޅިން އަލަށް މިދާއިރާ ޚިޔާރުކުރި ވަރަށް ކުޅަދާނަ ކަނބަލުންވެސް އެބަތިއްބެވި ކަމަށާއި އެގޮތުން ވަރަށް ބޮޑަށް އަޅުގަނޑު ހުރިހައި ނަންތައް ހާމަނުކުރިޔަސް އެއްނަމެއް ފާހަގަކޮށްލާނަމެވެ.: ” އެއީ ޚަދީޖާ މުޙަންމަދެވެ. މީނަޔަކީ ވަރަށް ތަފާތު މިޞްރާބުން މަންޒަރަރާއި ޙާލަތު ބަޔާންކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އާޓިސްޓެއްކަން އީއޯޕީން ފާހަގަކުރެއެވެ.

ކޯހުގެ ބައިވެރިންނަށް ބަލައިލާއިރު ތަފާތު އުމުރުގެ ބައިވެރިން ތިބި ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ %90 އަންހެނުން މިބެޗްގައި ކިޔަވަމުން ދިޔަކަމެވެ. މިބައިވެރިންގެ ތެރެއިން ކުރިންވެސް މަދުމަދުން ލަވަހައްދަވާ އަދި ޕްރޮޑިއުސް ކުރައްވާ (ސައިއްޓޭ) ވިދާޅުވީ: ” މި ކޯހުގައި ބައިވެރި ވުމުގެ ކުރިންވެސް އަޅުގަނޑަކީ ލަވަ ހަދަމުން އައި މީހެއް. އެހެންނަމަވެސް ލަވަ ހަދަމުން އައީ މިކަމުގެ އެއްވެސް ޢިލްމެއް ނެތި. އެކަމަކު އީސަ ޝަރީފު މި ރަށަށް ވަޑައިގެން ހިންގެވި ޅެމާއި ލަވަ ހަދަން ދަސްކޮށްދޭ ކޯސް ފުރިހަމަ ކުރުމުން އަޅުގަނޑަށް ވަރަށް ބައިވަރު އެއްޗެހި ތަކެއް ދަސްވެގެން ދިޔަ. އޭގެ ތެރޭގައި ޅެމާއި ލަވައިގެ ގަވާއިދާއި އެ އެއަތުރާލާފައި ހުންނަން ޖެހޭ ގޮތްތައް ވަރަށް ރަނގަޅަށް ދަސްވި އަދި އޭގެ އިތުރަށްވެސް ޅެމާއި ލަވަ ރީތި ކުރަން ބޭނުންކުރެވިދާނެ އިތުރު ހުނަރުތަކާއި އުކުޅުތައްވެސް މި ކޯހުގެ ތެރެއިން އަޅުގަނޑަށް ދަސްވި.: ޢަލީ ސަޢީދު (ސައިއްޓޭ)

އީއޯޕީގެ ކުރިޔަށް އޮތް ހަފުތާގެ މަސައްކަތައް ބަލާއިރު މިމަހުގެ 29 ހިސާބުގައި އިތުރު ސްކޫލް ތަކެއްގެ އޮންލައިން ކޯހެއް ފެއްޓުމަށް ރޭވެމުން ދާކަން ފާހަގަ ކޮށްލެވެއެވެ. މި ބުރުގައި ށ. އަތޮޅާއި އައްޑު އަތޮޅުގެ ގިނަ ސްކޫލްތަކެއް ބައިވެރިވާނޭކަމަށް ޚަބަރުލިބިފައި ވެއެވެ.

މިކޯސް ހިނގަމުން ދިޔަ ދުވަސްވަރު ދަރިވަރުންގެ އެއްބާރުލުން ލިބެމުންދިޔައެވެ. ކޮންމެ ކްލާހެއް ނިމުމުން ސައެއް ނޫނީ ކެއުމެއް ކޮންމެސް ބައިވެރިންކޮޅެއް ރާވައެވެ. މީގެ އިތުރުން ތަފާތު މާހައުލުގައި ކުދިކުދި ޕާޓީ ބޭއްވެމުން ދިޔައެވެ. ވަރަށް ހިތުން ފޮހެލަން ދަތި އެކުވެރިކަމެއް ހުރިހައި ދަރިވަރުން ނާއި އަދި ސިޓީކައުންސިލްގެ އެންމެހައި ބޭޅުން ދެއްކެވިއެވެ. މިހައި އުފާވެރި މާހައުލެއް އަދި މިފަދަ ޕްރޮގްރާމަކުން ތަޖުރިބާކުރަން މީގެކުރިން ލިބިފައެއް ނެތެވެ. އެ އިޙުތިރާމް، އެގާތްކަން، އެޝަޢުޤު، މިހާރުވެސް ޚިޔާލީ ސްކްރީނުން ދައުރުވެލަވެލަ އެބަހުއްޓެވެ.: ޢީސާ ޝަރީފު